މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިރޭގެ ޖަލްސާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފައެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދޭން ފާސްކޮށްފައިވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ވަނީ ކަށަވަރުކުރައްވާފައެވެ. ރިޔާސީ ޓިކެޓް ރައީސް ކަށަވަރުކުރެއްވީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ރައީސަށް ރިޔާސީ ޓިކެޓް އެރުވުމަށް ހުކުރު ދުވަހުގެރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.