ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޤުރުއާން މުބާރާތުގެ ކިޔެވުން އިއްޔެ ފެށިއްޖެއެވެ.

މި މުބާރާތުގެ ރެކޯޑިންގެ ފެށިފައިވަނީ 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމުންނެވެ.

މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ. މި އަހަރުގެ ޤުރުއާން މުބާރާތުގައި 756 ކުދިން ބައިވެރިވެފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ މުބާރާތާއި ބަލާއިރު ވަރަށްބޮޑު ކުރިއެކުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ނިމިދިޔަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ 293 ކުދިންނެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ “ މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1444 “ މި ނަމުގައެވެ. މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި ދެ މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ.

މި އަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތް ރަމަޟާންމަހު ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ފެށިގެން ދިޔަ ޤުރުއާން މުބާރާތުގެ ކުދިންގެ ކިޔެވުމާއި އިންތިޒާމްތައް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.