މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާއެކުގައި ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް އެމްޑީޕީން ތައުރީފު ކޮށްފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވި ދައުވަތު ޤަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން ނިންމި ނިންމުމަށް އެ ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ.
”މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ޤަބޫލުކުރާތީ ޤައުމާއި ރައްޔުތުންގެ ހައްޤުގައި ނިންމެވި ނިންމެވުމެއްކަމަށް މި ޕާޓީއިން ދެކެމެވެ.“ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ އެމްޑީއޭގެ މި ނިންމުމަކީ ރައީސްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ، ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ކޯލިޝަންގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ، ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.
ރައީސަށް ތައީދުކުރަން ނިންމީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވެސް އެ ޕާޓީއާއެކު ކޯލިޝަން ހަދަން ހުށަހަޅައި، އެކަމުގެ މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.
އެމްޑީއޭ އިން ވަނީ ޕްރޮގްރެސިވް ކޯލިޝަނާ އެކު މަޝްވަރާކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާކޮށްފައެވެ.