މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ މަރުވެއްޖއެވެ.
އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވީ ހިތަދޫ އަހުމަދު މުހައްމަދު ދީދީ (ނައުއްޓެ)، 30،އެވެ. އޭނާ މަރުވީ މިއަދު ހެނދުނު 6:45 އެހާކަށްހާ އިރުއެވެ.
އެނގިފައިވާ ގޮތުގައި މާފަންނު ”ކްރާސާ“ ފިހާރަ ތެރޭގައި ހުކުރު ދުވަހުގެ ރޭ 9:20 އެހާކަށްހާއިރު ، ނައުއެއްޓޭގެ ގަޔަށް ވަޅި ހެރީ އޭނަ ފަހަތުން ބަޔަކު އަޅުވާލުމުން ސަލާމަތްވާން ފިހާރައިގެ ތެރެއަށް ވަނުމުންނެވެ. ނަމަވެސް ފިހާރައިގެ ތެރެއަށް އެ މީހުން ވަދެ އޭނަގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރުމާ ގުޅިގެން ފިހާރަ ތެރެއަށް ވެސް ގިނަ އަދަދަކަށް ލޭ ފޭބިއެވެ.
ފުލުހުން އިއްޔެ ބުނީ ވަޅި ހެރި މައްސަލާގައި އިއްޔެ ރޭ ދަންވަރު ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނަގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ވެސް ޖަހައި ދީފައެވެ.
