ހުޅުމާލޭގެ ފޭސް ޓޫގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްފިއެވެ.

ދެވަނަ ފިޔަވަހީގެ ރައްޔިތުން ބާބަކިއު ހެދުމަށް ހާއްސަކުރި ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް ބާއްވާފައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ އެ އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުން ބާބަކިއު ޖައްސަން ހާއްސަ ކޮށްފައިވާ ސަރަހައްދަކީ ’ރުއްގަނޑު 3‘ ސަރަހައްދެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއްކަމުގައި އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

 

ހުޅުމާލޭގައި ބާބަކިއު ހަދަން ހާއްސަ ސަރަހައްދެއް މީގެ ކުރިން ހުއްޓެވެ. އެއީ ފުރަތަމަ ފިޔަވަހީގެ އެންމެ އުތުރުން ނިމޭ ކޮޅުގައެވެ. ނަމަވެސް ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަން ބަންދުކޮށް، މިހާރު އެ ތަނުގައި އޮންނަނީ ދެ ފިޔަވަހީގެ ދެމެދުގައި ހެދި ’ކްރީކް‘ އާއި ދެ ފިޔަވަހި ގުޅުވާލާ ކުދި ބްރިޖްތަކެވެ.