އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ ”އާގަލާ“ ބޯޓުގައި ހުރި ތަކެތި އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ ”އާގަލާ“ ބޯޓުގައި ރޯވެ އެނދުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ތަކެތި އޮޔާދަނީ މ.އަތޮޅު ކައިރިން އުތުރަށް ކަމަށާއި މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

”އާގަލާ“ ގައި އަލިފާން ރޯވީ މ. ތުވަރު ކައިރިން ރޭ މެންދަމު 3:00 ޖަހާ އެހާކަށްހާއިރުއެވެ. ބޯޓްގައި ރޯވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލިއެވެ. އެއީ 5 ދިވެއްސަކާއި 5 އިންޑިއާ މީހަކާއި 5 ބަންގްލަދޭޝް މީހުންނެވެ. ގެއްލިފައި ވަނީ އިންޑިއާ މީހެކެވެ.

އެ މީހާ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މަސައްކަތް ކުރަމުންނެވެ.