ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހުގެ 16 ގައި ފަށާނެ ކަމަށާއި، ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން ބަގީގެ އާންމު ދަތުރުތައް ހިލޭ ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް އިލެކްޓްރިކް 10 ބަގީ ވަނީ ގެނެސްފައެވެ. ރޫޓިން ދަތުރެއްގެ ފީ އަކީ އެންމެ ދެ ރުފިޔާއެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރޯދަ މަހު ބަގީގެ އާންމު ދަތުރުތައް ހިލޭކުރި ނަމަވެސް، ކުލީ ދަތުރުތަކަށް އަގު ނަގާނެ ކަމަށެވެ.

އަމިއްލަ ދަތުރުތަކުގެ އަގުތައް

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ
ފިތުރު އީދަށް ފަހު ވެސް، 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓަ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.