ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ.

Ads by Asuru

މިއީ 2019ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ.

އަދި މިއީ، ފާއިތުވި 3 އަހަރު ރާއްޖެއަށް ވިދިވިދިގެން 3 ފަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް މިކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވިއެވެ.

އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.

ރައީސް ޖަރުމަނަށް ވަޑައިގެންނެވީ، ގަތަރުވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.