ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިމާރާތުގައި ވިލިމާލޭގެ އައު އޮފީހެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

މި އިމާރާތަކީ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާ އިމާރާތެކެވެ.

މި އިމާރާތުގައި ކުރަންޖެހޭނީ ފިނިޝިންގެ މަސައްކަތެވެ. މި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވާގޮތުން ވިލިމާލޭގައި ތަރައްގީ ކުރާ އިމާރާތަކީ ”ވަން ސްޓޮޕް“ ސާވިސް ސެންޓަރ އެއްގެ ގޮތުގައި ހިންގޭނެ އޮފީހަކަށް ހެދުމެވެ.

އެއީ މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތުގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ ކައުންޓަރެއް އެއިމާރާތުގައި ހުރުމެވެ. އެހެންނަމަވެސް އެ ހިދުމަތަކީ މިވަގުތު އަދި ފޯރުކޮށްދެވޭނެ ހިދުމަތެއް ނޫން ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 93 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި މާލެ ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށްވުރެ މި އިމާރާތުގައި ޖާގަ ތަނަވަސް ވާނެ ކަމަށާއި އަދި މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ އެ އިމާރާތުގައި އޮންނާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށާއި މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އިދާރީ މަސައްކަތްތަކަށް އެ އިމާރާތުގެ 2 ބުރި ހާއްސަކޮށްފައި ވާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ އެ އިމާރާތުގައި ޕަބްލިކް މީޓީންގް ހޯލެއް އަދި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޭޔަރ އިތުރަށް ވިދާޅުވީ އެ އިމާރާތަކީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތަކަށްވުމުން ކުޑަ ހަރަދެއްގައި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.