ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދެއްވުމަށް ނިންމެވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އިނާމަކީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި ދެއްވާ އިނާމެއްކަމަށާއި، އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ މައިގަނޑު ކަންކަމުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، ޚިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކާއި، އެ މުއައްސަސާއަކުން ހިންގައިފައިވާ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިމެނެއެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދެއްވުމަށްވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.