މި އަހަރުގެ ފިތުރު އީދު، ނުވަތަ އަޟްހާ އީދަށް ވެރިރަށް މާލޭގެ މަގުތައް ޒީނަތްތެރި ކުރަން މާލެ ސިޓީ ކައުންސިލުން ރާވައިފިއެވެ.

މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު  މިކަން ހާމަ ކުރެއްވީ، ޕީޕީއެމްގެ ސެނެޓަރ ޒާހިދު ރަމީޒު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ރަމަޟާން މަހަށް ބޭރުގެ ގައުމެއްގެ މަގުތައް ޒީނަތްތެރި ކޮށްފައިވާ މަންޒަރު ފެންނަ ދެ ތަސްވީރު ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި އެފަދަ ކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށާއި، ރޯދައާއި އީދު ފަދަ މުނާސަބަތުތަކާ ގުޅުވައި، އެކަހަލަ ކަންކަން ކުރަން ސަޅިވާނެ ކަމަށެވެ.

ޒާހިދުގެ ޓްވީޓަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން، މިކަން ރާވައިފައިވާ ކަމަށާއި، މަޖީދީ މަގާއި، ރިންގު ރޯޑާއި ޖުމްހޫރީ މައިދާން ރޯދައަށް ޒީނަތްތެރި ކުރަން ކުރިން އޮތީ ރާވައިފައި ކަމަށެވެ.

އަދި މިހާރު އުއްމީދު ކުރަނީ ކުޑަ އީދު ނުވަތަ ބޮޑު އީދަށް މަގުތައް ރީތި ކުރަން ކަމަށާއި، އެކަން މިހާރު އޮތީ ޕްރޮކިއުމަންޓް ސްޓޭޖުގައި ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސިޓީ އަކީ ”ޗާލު“ ސިޓީ އަކަށް ހެދުމަކީ، ސިޓީ ކައުންސިލްގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.