މާލެ ސިޓީގެ 26 މިސްކިތެއްގެ މަރާމާތުތަކުގެ ތަފްޞީލް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މި 26 މިސްކިތުގެ ތެރެއިން 2 މިސްކިތެއްގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ވަނީކޮށްދީފައެވެ. އެއީ މަސްޖިދު ޞަލާޙުއްދީން އަދި ޒިޔާރަތް މިސްކިތުގެ މަސައްކަތްތަކެވެ.

އެގޮތުން މި 2 މިސްކިތުގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ކޮށްފައިވާއިރު، މިހާރުވެސް ބައެއް މަސައްކަތްތައް އެ ފަރާތުން ކުރަމުން ގެންދެއެވެ.

މީގެ އިތުރުން ވިލިމާލޭ މަސްޖިދުލް ބިއްރި މަރާމާތުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކުން އެދިގެން އެ ފަރާތަށް ޙަވާލުކުރުމުން އެފަރާތުން ވަނީ މިސްކިތުގައި މިވަގުތު ކުރަންހުރި މަރާމާތުތައް ކޮށްފައެވެ.

މިސްކިތްތަކުގައި ރަނގަޅުކުރަން ހުރި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ހިމެނޭ ރިޕޯޓް މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި https://malecity.gov.mv/services އާންމުކޮށްފައިވާއިރު މިހާތަނަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި 26 މިސްކިތެއްގައި ގިނަ މަރާމާތުތަކެއްވަނީ ނިންމާފައެވެ. މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތުގައި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ރަމަޟާން މަސް ފެށުނުއިރު ގިނަ މިސްކިތްތަކުގެ މަސައްކަތް ނިމިފައިވީނަމަވެސް އަދިވެސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ކުރިއަށް އެބަގެންދެއެވެ.

މިސްކިތްތަކުގެ މަރާމާތާއި ގުޅޭގޮތުން މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ ”ޗާލު މިސްކިތް“ ފަންޑުން ލިބުނު ފައިސާއިންނެވެ.