މާޒީގައި ހިދުމަތްކޮށްފައިވުމަކީ ހިތުހުރި ގޮތަކަށް އުޅެން ލިބޭ ހުއްދައެއް ނޫން ކަމަށް ސަރުކާރު ކޯލިޝަނުގެ ބައިވެރިޔާ، އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓުކަމުން ވަކި ކުރެއްވުމާ ގުޅިގެން، ބައެއް ފަރާތްތަކުން ޝިފާޒު މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިޔާޒު ވިދާޅުވީ މާޒީގައި ހިދުމަތް ކޮށްދިނަސް، އަޅަންޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށެވެ.

އިޔާޒުގެ އިތުރުން، ޝެއިހު އަލީ ޒައިދުވެސް ވަނީ، ޝިފާޒު މަގާމުން ވަކި ކުރުން ދިފާއު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުގައި ހިތަށް އެރި ގޮތަކަށް އުޅެން ޖާގަދެވިގެން ނުވާނެކަމަށެވެ.

“އަމިއްލަ ކުންފުނިތަކުގައި އުޅޭހެން ދައުލަތުގެ ވަޒީފާގައި ހުންނަ މީހަކަށް ހިތަށް އެރި ގޮތަކަށް އުޅެން ޖާގަ ދެވިގެން ނުވާނެ” ޒައިދު ވިދާޅުވެފައިވެއެވެ.

ޒައިދު އިތުރަށް ވިދާޅުވެފައިވަނީ ނުކުރާ މަސައްކަތަކަށް އުޖޫރަ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ފައިސާއަކީ އަމާނާތެއް ކަމަށެވެ.

ޒައިދު މިހެން ވިދާޅުވެފައިވާއިރު، އެސްޓީއޯގެ އެމްޑީގެ މަގާމުން، ރައީީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ހުސެއިން އަމްރު ވެސް ވަނީ ވަކި ކޮށްފައެވެ.