ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޚަބަަރަކީ ދޮގު ޚަަބަރެއް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ނެރުނު ބަޔާނެއްގައެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން(ސީއެޗްއެސްއީ)އިން ޓީބީ ކޭސް އެއް ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުން ބުނީ މި ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އާންމުކޮށް ކުރިއަށް ގެންދާއިރު، އެފަދަ ޕްރޮގްރާމެއް މިއަހަރުވެސް ކުރިއަށްދާ ކަމަށެވެ.

އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް، މި ބައްޔަށް ޕޮޒިޓިވް ވަމުން އަންނަަކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ މިފަދަ ކޭސްތަކުގައި މިނިސްޓްރީން އަބަދުވެސް އަމަލު ކުރަމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެެވެ.

”މި ސްކްރީނިން ޕްރޮގްރާމާ ގުޅުވައިގެން، ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެެއް ނެތް ދޮގު ޚަބަރެކެެވެ.“

އެޑިއުކޭޝަނުން އިތުރަށް ބުނީ މިފަދަ ޚަބަރު ފެތުރުމުގެ ސަބަބުން ބެލެނިވެރިންނާ ދަރިވަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެތީ، ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަަމަށެވެ.

އަދި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް މިނިސްޓްރީން އިސްކަންދޭ ކަމަށްވެސް ވަނީ ބުނެފައެވެ.