ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ދެކުނު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

އެކަމަނާ އެ ޤައުމަށް ފުރާވަޑައިގެންނެވީ، މި މަހު 11 އާއި 12ގައި އެ ޤައުމުގެ ކޭޕްޓައުންގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ”އެފްރިކަން ވިމެން ސަމިޓް-23″ގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްއިން އެކަމަނާއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލް ލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލްމަތީން އަޙްމަދެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު މާރިޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް ޙަސަން ޢާމިރާއި މިނިސްޓަރު ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރު 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

”އެފްރިކަން ވިމެން“ ސަމިޓަކީ އެފްރިކާ ބައްރަށް އަމާޒުކޮށް އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓެކެވެ.