އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ކުރާ އަނިޔާ، ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތް، ޕީޕީއެމް-ޕީއެންސީން ހުއްޓާނުލާނެ ކަމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ކުރާ މަސައްކަތް ބަލިކަށި ކުރުމަށް ވާދަވެރިން އެކި ވާހަކަތައް ފަތުރަމުން އަންނަ ަކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް، އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު މިހެން ވިދާޅުވީ، ރޭ ޗެނަލް13އިން ގެނެސްދިން ”ނިއުސްޓޯކް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް،ވާދަވެރި ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް މުއިއްޒު ރޭ ވެސް ރައްދު ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ، އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ، ރައީސް ޔާމީނެވެ. އަދި އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމަކީ، ދިވެހި ގައުމަށް ހެޔޮ އެދޭ ކޮންމެ ރައްޔިތަކު ވެސް، އެންމެ ބޭނުންވާނެ ގޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

”އެކަމުގަ، އަޅުގަނޑުމެންގެ، އަޅުގަނޑުގެ، ހަމަ ޔަގީނުން ވެސް ނެތް، އެއްވެސް ކަހަލަ ހިޔާލު ތަފާތުވުމެއް.“

މުއިއްޒު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު، ރައީސް ޔާމީން ނޫން އެހެން ފަރާތަކަށް ރިޔާސީ ޓިކެޓު ލިބުން ނޭދޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން އެކި ވާހަަކަތައް ފަތުރަނީ، ރައީސް ޔާމީން މިނިވަން ކުރަން، އިދިކޮޅުން ކުރާ މަސައްކަތް، ބަލިކަށި ކުރުމުގެ ގޮތުން ކަމަށެވެ.

ރައީސް ޔާމީނަށް 11 ‏އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅުން ދަނީ މަސައްކަތް ކުރަމުންނެވެ.