މާލެ ސިޓީ ކައުންސިލުން ”މާލެ ފެހި ފެއަރ 2023“ ނަމުގައި މި މަހުގައި ބާއްވަން ހަމަޖެއްސި ގަސް ވިއްކުމުގެ ފެއަރ އަންނަ މަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ފެއަރ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މި މަހުގެ 11 އިން 13 އަށެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ފެއަރ ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފަސްކުރި ސަބަބެއް ނުބުނެއެވެ.
އާޓިފިޝަލް ބީޗްގައި ބާއްވާ ”މާލެ ފެހި ފެއަރ 2023“ ގައި ގަސް ވިއްކާ ފަރާތްތައް ބައިވެރިކުރުމުގެ ގޮތުން 15 މޭޒު އާންމުންނަށް ދޫކުރާނެއެވެ.
މޭޒެއްގެ އަގަކީ 3 ދުވަހަށް 1500 ރުފިޔާއެވެ. މި މޭޒުތައް ތައްޔާރުކުރުމާއި އެތަނުން ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނީ ކައުންސިލްގެ ފަރާތުންނެވެ.