މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ “ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް ” އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި ”ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް“ ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފައެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެއެވެ.

އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމާށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސައުދީ އިތުރަށް ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށެވެ.

އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި ޕެލެޓް ބެހެއްޓުމާއި މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން ހިމެނެއެވެ. އަދި ޕާކް ކުރުމުގެ މައްސަލަތަކާއި ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އަދި އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ވެސް ހިމެނެއެވެ.