ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހިމަލާ ދީފިއެވެ.

މިޔަރެއް ހަމަލާދީފައިވަނީ ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށްދިޔަ ބަންގަލަދޭޝަށް ނިސްބަތްވާ ރައްޔިތަކަށެވެ.

ބިދޭސީ މީހާއަށް މިޔަރު ހަމަލާދީފައިވަނީ މަސް އައިނެއްގައި މަސްބާނަން އުޅުމުގެ ތެރޭގައި އޭނާ މޫދަށް ވެއްޓުނު ވަގުތުކަމަށް މައުލޫމާތު ލިބެއެވެ.

މިޔަރު ހަމަލާދިނުމުން އެ ބިދޭސީ މީހާއަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވެއެވެ.

އެގޮތުން ވީޑިއޯތަކުން ފެންނަގޮތުން އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމު ވެފައިވާއިރު ފައިގެ އިނގިއްޔެއްވެސް ވަރަށް ބޮޑަށް ޒަހަމު ވެފައިވެއެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް އަންނަނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.