އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނަށް ދެން ވެސް ހެދޭނީ ގޭ ބަދިގެ ޕާޓީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު އެމްޑީޕީން ވަނީ ވަކިވެފައެވެ.
އަދި އެ ބޭފުޅުން އިއްޔެ ވަނީ ”ފިކުރެއްގެ ދިރުން“ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާކުރައްވާފައެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި ނަޝީދު ނޫން މީހަކު ނެތް ކަމަށް ބަލައިގެން އަމިއްލަ ގޭ ބަދިގެ ތެރެއިން ޕާޓީ ހިންގަވާފައި ވާދަވެރި އިންތިހާބަކާއި ޕާޓީން އަލަށް ކުރިމަތިލީ ފަހަރު ބަލިވުމުން އެކަން ހަޖަމު ނުވި ބަޔަކަށް ހެދޭނެ ޑިމޮކްރެޓިކް ޕާޓީއެއް ނޯންނާނެ ކަމަށެވެ.
”ފޮޓޯ އިން ތި ފެންނަ ގޭ ބަދިގެ ޕާޓީ ދެން ވެސް ހެދޭނީ.“ ރޮޒެއިނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރުން އެމްޑީޕީން ވަކިވިއިރު، އެމަނިކުފާނު ވަކިވެވަޑައިގެންފައެއް ނުވެއެވެ. ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ބުނީ، ދާދި އަވަހަށް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ މަޖިލިސް މެމްބަރުން އެ ފެކްޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
