ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފިއެވެ.
އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މައުލޫމާތު ލިބޭ ގޮތުން ޕީޖީ ގުރޫޕުން ކުރިން ވެސް އޮތީ އީވާގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް ސޮއި ހަމަކޮށްފައެވެ. މިހާރު ކުރިއަށްދަނީ އޭގެ އިތުރުން ކުރަން ހުރި އިދާރީ މަސައްކަތްތަކެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި މިވަނީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންފައިވަނިކޮށެވެ.
އީވާ އިއްޔެ ވިދާޅުވީ އޭނާއަށް އެއްވެސް މަގާމެއް މުހިންމެއް ނޫން ކަމަށެވެ. އަދި މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށެވެ.
