ޕިންގްޓަން ކޮމްޕްރިހެންސިވް ޕައިލެޓް ޒޯން ތަމްޞީލުކުރާ މި ވަފުދަށް މަރްޙަބާ ދެންނެވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން (’ސިސްޓަރ ސިޓީ‘ އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކަރައްވާ، ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކާއި ތަޞައްވުރު ބަޔާންކުރައްވާ، މުޢިއްޒު ވަނީ މީގެ ކުރިންވެސް ޗައިނާއިން ގިނަގުނަ އެހީތަކެއް މާލެ ސިޓީ ކައުންސިލަށް ފޯރުކޮށްދެމުންދާކަން އުފަލާއި ޝުކުރުވެރިކަމާއެކު ހާމަކުރައްވާފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި މިބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި، މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެބޭފުޅުން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާ އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވިކަމަށް ޗައިނާގެ ވަފުދުން ވިދާޅުވިއެވެ.
ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މާލޭ ސިޓީގެ މޭޔަރ ވާހަކަފުޅު ދެއްކެވިއެވެ.
2013 އިން 2018 އާ ދެމެދު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވުނުކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަކަމަށާއި، ޗައިނާއާ ގާތުން މަސައްކަތްކުރުމަށް އަބަދުވެސް ޙާއްޞަ އިސްކަމެއް ދެއްވަމުންދާ ކަމަށެވެ.
ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާ، މިސްޓަރ ޖުން ލައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ތަޖުރިބާއިން އެބޭފުޅުން ހިތްވަރު ހޯއްދަވައި މަޢުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
އަދި އެސިޓީގެ އެކި ކަންކަން ތަރައްޤީކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޞޫލުތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލާ ޙިއްޞާކޮށް، ސިޓީ ކައުންސިލްގެ ޚިދްމަތްތައް ހަރުދަނާކުރުމަށް ޕިންގްޓަން އިން އެހީތެރިވެދެވިދާނެ ދާއިރާތައް ކަނޑައަޅުއްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
