ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކުރުމާއި ހަމައަށް ދިރިއުޅެމުން ގޮސްފައި ވަނީ، ވިލިމާލެގައެވެ.

ހަށިވިއްކުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރިއިރު، އޭނާގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން ތުހުމަތެއް ވުޖޫދުވާވާރަށް ހެކި ފެނިފައިވާ ކަމަށެވެ.

އެގޮތުން ހުށަހެޅިފައިވާ އިންޓަލިޖެންސް ރިޕޯޓުތަކާއި ފުލުހުންގެ ތަހުގީގު ރިޕޯޓުން އޭނާ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާ ފަރާތެއް ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

އަދި އޭނާއަކީ ހަށިވިއްކުމުގެ ނެޓްވޯކްގެ އިސް ފަރާތެއް ކަމަށް ބެލެވޭ ކަމަށް ބުނެފައިވާއިރު، އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އޭނާ ބަންދުގައި ބަހައްޓަން އެދިފައި ވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.