ސިޔާސީ ވަޒީފާ ދިން ފަރާތާ ދެކޮޅަށް ރޭވުންތައް ރާވާނަމަ، ފިޔަވަޅު އަޅާނެ ކަމަށް، މި ސަރުކާރަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކު މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން މަގާމުން ވަކި ކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

”ވަކި މީހަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށްވެސް ބުނަނީކީ ނޫން! ނަމަވެސް ސިޔާސީ ވަޒީފާއަކަށް ދާންވާނީ އޭގެ ސިފަތަކާއި ޠަބީޢަތާއި އަޚްލާޤާއި ސުލޫކު އެނގިގެން! ’ސިޔާސީ ވަޒީފާ‘ ގައިހުރެ އެވަޒީފާއެއް ދިންފަރާތާ ދެކޮޅަށް ރޭވުންރާވާނަމަ ފިޔަވަޅުއަޅާނެ ދެއްތޯ! ބުއްދި ދެއްވީ ކޮންމެވެސް ކަމަކު!“ ޝެއިހުގެ ޓްވީޓުގައިވެއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު މިއަދު ވަނީ މަގާމުން ވިކިކޮށްފައެވެ.

މިގޮތުން މަގާމުން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމްދާނާއި އެ މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި މުހައްމަދު އަންސާރުއެވެ. ދެން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާޝިޔަތު އަލައިކާ އަދުނާނެވެ.

އާދިއްތަ ދުވަހު ތިން ބޭފުޅުން މަގާމުން ވަކިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.