ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް، އެހެން ބަޔަކަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ކުރެއްވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން، ފުށުއަރާ ބައިގެ އިން ކަނޑައެޅި މައްސަލައާ ގުޅޭގޮތުން ޗެނަލް13ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަކީ، ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ނުކުރައްވައި، ރައީސްއަށް ކުރެއްވޭނެ ކަމެއް ނޫން ކަމުގައެވެ.

”ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް، އެހެން ބަޔަކަށް ދިނުން، އެއީކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގައި ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމެއް އަޅުގަނޑުމެން ގާއިމުކޮށްފަ މިއޮތީ، ދިވެހިރާއްޖޭގެ ވެރިންނަށް ތިބޭ މީހުންނަށް އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރިޔަ ނުދިނުމަށްޓަކާ.“

ރައީީސް ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ވެރިންގެ ހިތްތަކުގައި ދިވެހި ގައުމާ މެދުގައި އެއްވެސް ލޯތްބެއް ނެތް ކަމަށާއި، ގައުމުގެ ބައެއް އެހާ ފަސޭހައިން ދޫކޮށްލާނީ، އެ ގައުމިއްޔަތުގެ ކަންފުޅެއްވެެސް ނެތުމުން ކަމަށެވެ.

ޗާގޯސް މައްސަލައިގައި ކަންބޮޑުވުންފާޅު ކުރުމަށް މިރޭ ބާާއްވާ ޖަލްސާ، 8:30ގައި، ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ.