ރައީސް  އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ”ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދު“ގެ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ ކަމުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދަކަވަމުން ވައްޑެ ވިދާޅުވީ އިއްތިހާދުގެ ބައިވެރިންނަށް ދެކަމަކަށް އެއްބަސްވެވޭ ކަމަށެވެ.

އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށާއި ރައީސް ސޯލިހްގެ ވެރިކަން ނިންމުން ކަމުގައެވެ.

”އަޅުގަނޑުމެން ސިޔާސީ ގޮތުން ތަފާތު ވިސްނުންތަކުގައި ތިއްބަސް އެއްކަމަކަށް އެއްބަސް ވެވިއްޖެ މިހާތަނަށް. ކަނޑުގެ މައްސަލައިގައި އެންމެން އެކީގައި ވާހަކަދައްކަން. އަޅުގަނޑު މިރޭ ދަންނަވަން ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް އެބަ އެއްބަސް ވެވޭ. އެއީ މީގެ 98 ދުވަސް ފަހުން، ސެޕްޓެމްބަރު ނުވަވަނަ ދުވަހު މިވެރިކަން ބަދަލުކުރަންވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވޭ،“ ވައްޑޭ ވިދާޅުވިއެވެ.

ގަބުކަމާއި ގަމާރު ކަމުގައި ތާ އަބަދު ރާއްޖޭގެ ވެރިކަމުގައި ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހަށް ނުހުރެވޭނެ ކަމަށާއި މިވެރިކަން ބަދަލު ކުރާނެ ކަމަށެވެ.

ޗާގޮސް މައްސަލައިގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ބޭރުގެ މެޗަކުން މޮޅުވެގެން، ކާމިޔާބު ވެގެން ޓްރޮފީ ހިފައިގެން އައިސް ފިލި ބައެއް މި ނޫނިއްޔާ ނުދެކޭކަމަށެވެ.