ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މުޒާހަރާގެ ތެރެއަށް ވަނުމުން، މި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފިއެވެ.
މިކަން ހިނގީ، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިދިޔަ މާޗް 20 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ވަރަށް ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.
ދައުލަތުން ދައުވާކުރަނީ މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
ދައުވާ ލިބޭ މީހުންނަކީ، މުހައްމަދު އައްބާސް – ހުޅުމާލެ، 11328 ގޯތި، އަހްމަދު ރަޝީދު – ދަފްތަރު ނަންބަރު ރސ 9151، އަހްމަދު އަޒީލް – ހުޅުމާލެ، ފްލެޓް 06-2-154، އަހްމަދު ސިނާން – ގއ. ދެއްވަދޫ، އެސްޓަންވިލާ، މަރިޔަމް މާޝާ – ށ. ބިލެތްފަހި، ސޭޑީކޯނަ އެވެ.
އައްބާސްއާއި، އަހްމަދު ރަޝީދުއާއި އަޒީލްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
މި ތިން މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ނިމިގެން ދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
