ކަނޑުވިއްކުމާ ދެކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއަށް ”އިންޑިއާ އައުޓް“ ޝިއާރު ދައްކުވައިދޭ ބެނާ އާއި ޓީޝާޓް ލައިގެން ބަޔަކު ވަނީ، ސަރުކާރުން ފަންޑު ކޮށްގެން ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.

Ads by Asuru

ހުކުރު ދުވަހުގެ ރޭ ބޭއްވި ”ކަނޑު ވިއްކާލުމާ ދެކޮޅު“ ކޯލިޝަނުގެ އެއްވުމުގައި، ޒުވާނުންތަކެއް ވަނީ އިންޑިއާ އައުޓް ބެނާ ދަމައިފައެވެ. މިކަން، ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ވެސް ކުށްވެރި ކުރިއެވެ.

ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުނީ، ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން އިންތިޒާމުކޮށްގެން 2023 ޖޫން 2 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ ”ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ބިޔަ ބޮޑު ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނަރ އެއް ދަމަން ކުރި މަސައްކަތް އެ ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

”އިންޑިއާއައުޓް ބެނާރ އާއިއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވާ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު ޢަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިންނެވެ. އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑްކޮށްގެން ފޮނުވި ބައެކެވެ. ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށެވެ. އަދި އިތުރު ހަމަނުޖެހުމަކަށް ފުރުޞަތު ނުދީ އެބަޔަކު ޖަލްސާއިން ވާނީ ނެރެފައެވެ.“ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ، މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަަމަށެވެ.

”މިއިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި މިކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދާއެކު ޕީޕީއެމް ޕީއެންސީ އޮންނާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.“ އިދިކޮޅުން ބުނެފައިވެއެވެ.