ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރު އެކުވެނީގައެވެ.
ތުރުކީވިލާތުގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.
ވެރިކަމުގެ އާ ދައުރަށް ރަޖަބް ޠައްޔިބް އުރްދުޣާން ހުވާކުރެއްވުމުގެ މިރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެއިން ތުރުކީވިލާތާއި އެކު ސިޔާސީގުޅުން ގާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.