ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އޭނާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، ރާއްޖެއާ ޗާގޯޯސްއާ ދެމެދުގެ ކަނޑުގެ ބޮޑު ސަރަހައްދެއް، ދިވެހީންނަށް ގެއްލުނު މައްސަލައިގައެވެ.
މި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރިއެވެ.
ނަމަވެސް ބުދަ ދުވަހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލީ ގާނޫނީ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަންޖެހޭ ކަމަށް ވިދާޅުވުމަށްފަހުއެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެން މަޖިލީހުގެ ތަޅުމުގައެވެ.