ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އައްޑޫ ސިޓީގައި މުޅިން އާ އައްޑޫއެއް ބިނާކުރުމުގެ މަސައްކަތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Asuru
މިނިސްޓަރު މިހެން ވިދާޅުވީ، އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތަކީ އައްޑޫގައި، އާ އައްޑޫއެއް ބިނާކުރުމުގެ މަސައްކަތް ކަމަށާއި އެއީ އައްޑޫ ރައްޔިތުން މިއޮތްހާ ޒަމާނުގައި އުއްމީދު ކުރި އަދި ހުވަފެނުން ފެނުނު އައްޑޫ އަށް ގެންދިޔުމަށްޓަކައި ކަމަށެވެ.

”އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ތި ބޭފުޅުންނަށް ހުވަފެނުން ފެނުނު އާ އައްޑޫ، އައްޑޫގައި ބިނާވެގެންދާތަން.“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި ތަފާތު އެކި މަޝްރޫއުތައް ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވެގެން މީހުން ވާހަކަދައްކަމުންދާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ މަސައްކަތުގެ އިންޖީނަކީ ފިތުނަ ނޫން ކަމަށާއި އަދި ފިތުނަ ދިރުވުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.