އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ.
އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްވީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަސްލަމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވިއިރު އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން ކަމަށެވެ.