އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by Asuru

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާއެވެ.

އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ލަމްހާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ޝަރީއަތުގައ އެދިފައެވެ.

އެގޮތުން ލަމްހާގެ ވަކީލު ވަނީ ލަމްހާ އަށް ނަފްސާނީ ބައްޔާއި ކުރިމަތިވެފައިވާތީ އޭނާ 100 ދުވަހަށް ބަންދުން ދޫކޮށްލަން އެދިފައެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ސަބަބަށް ބަދަލެއް ނާންނަ ކަމަށާއި އަދި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 50 ހެކިންގެ ހެކިބަސް ނަގަން އޮތްއިރު އެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.