އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ އަށް ވަންނަ މީހުން ބިރު ފަހަނައަޅާ ދިޔުމަށް ގޮވާލައިފިއެވެ.
މިފަދައިން ގޮވާލީ، އެ ޕާޓީއަީ‘ ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައެވެ.
”ދަ ޑިމޮކްރެޓްސް“ގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ، ”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް މި މަހުގެ ފުރަތަމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ އަށް ސޮއިކުރި މީހުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިން ވެސް މީހުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ ޕާޓީ އަށް ސޮއިކުރި މީހުންނަށް ގުޅައި، ގޯތި ނުވަތަ ފްލެޓަށް ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ލާފައިވޭތޯ ސުވާލުކުރާ ކަމަށާއި، ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ނަމަ، ޑިމޮކްރެޓްސް އަށް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް އަންގާ ކަމަށް ވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
”މި ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގަމުން އެ ގެންދާ ހުތުރު އަމަލުތަކަކީ އެމްޑީޕީ އުފެއްދި މަގްސަދުތަކާއި އެ ޕާޓީން ވަކާލާތުކުރަމުން ދިޔަ ހަމަތަކާއި އުސޫލުތަކާ ދިމާ އިދިކޮޅު އަމަލުތަކެކެވެ.“
ޑިމޮކްރެޓްސްއަށް ސޮއިކުރި، 3،000އަށްވުރެ ގިނަ މީހުންގެ ލިސްޓު ލީކުވި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލަން ފަށައިފައެވެ.
