ހުޅުމާލެ ދެވަނަ ފިޔައްވައްސާ ދިމާލު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އެކަން ހާމަކުރަމުން ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު ހުޅުމާލެ ފޭސް 2ގެ ޓަވަރު 16އާ ދިމާލު ކަނޑުމަތިން ކަމަށެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، ބިދޭސީއެއް ކަމަށް ބެލެވޭ އެ މީހާގެ ހަށިގަނޑު މިހާރު ގަލޮޅު މޯޗަރީއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ބުންޏެވެ.

ފުލުހުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.