އައްޑޫ ސިޓީ މީދޫގައި އާ މިސްކިތެއް އިމާރާތްކުރުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ ސޯލިހެވެ.

މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް އިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ.

މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.