އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް، ރަށްރަށުގެ ޖަމިއްޔާތައް ތެދުވަންޖެހޭ

ރައީސް އެހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ”ސިވިލް ސޮސައިޓީ އެވޯޑްސް“ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް މިރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާއީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެއާއެކު މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާއީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ހާއްސަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަކުރައްވައި މިއީ މަދަނީ ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އަދި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ހާއްސަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ރައީީސް ފާހަގަކުރެއްވިއެވެ.