އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރަސްމީކޮށް އަންގަވައިފއެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ފެބްރުއަރީ 19 ވަނަ ދުވަހު ދެއްވި ދައުވަތަށް ގާސިމް ޖަވާބު ދެއްވީ އިއްޔެއެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް އެޕާޓީން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
”ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވިން،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އިންތިހާބުކުރުމަށް ޖޭޕީން މަސައްކަތްކުރިކަން ފާހަގަކުރައްވާފައެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބުކުރުމަށް މަސައްކަތްކުރިކަންވެސް ފާހަގަހަގަކުރެއްވިއެވެ.
