ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވާނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހަށް ފަހު އެމްޑީޕީ ރައީސް ސޯލިހުގެ ކަސްތޮޅުގައި ނޯންނާނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި ރިޔާސީ އިންތިހާބުގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ވޯޓު ހޯދާނެ ކަމަށެވެ.

”އެމްޑީޕީއަށް އެ ބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދެވޭނެ އެއްގޮތެއް ވެސް ނޯންނާނެ. ހަމަ އެއްގޮތެއް ވެސް ނޯންނާނެ.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ތާއީދުކުރާ ބައެއް މެންބަރުން އެމްޑީޕީން ވަކިވެ ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ޕާޓީއެއް ހެދުމަށް މަސައްކަތް ކުރަމުންދާއިރު އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީއަށް ވަޑައިނުގެން އެމްޑީޕީގައި މަޑުކޮށްގެން ހުންނެވީ އެ ޕާޓީ އަތުލުމުގެ ބޭނުމުގައި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުމާއެކު އެމަނިކުފާނު ވަނީ އެ ޕާޓީގެ ތެރޭގައި ”ފިކުރެއްގެ ދިރުން“ ނަމުގައި ފެކްޝަނެއް ހައްދަވާފައެވެ.