ދިވެހިރާއްޖެ މިހާރު ހިނގަމުންދަނީ، ތިން ބާރު ވަކިވެފައިވާ ދައުލަތެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީން ބުނެފިއެވެ.
އިދިކޮޅު ޕީޖީން މިހެން ބުނީ، މިއަދު އެ ގްރޫޕުން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ.
މަޖިލިސް ޑެޑްލޮކަކަށް ދިޔަ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަޖިލީހުގައި ސަރުކާރުން ”ގަސްތުގައި“ ކަމަށާއި، ބޭނުމަކީ ކަނޑު ވިއްކާލި މައްސަލައިގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވާން ކަމަށެވެ. އޭނާ ވިދާޅުވީ، އެއް ބާރު ހުއްޓިފައި އޮތުމުން، ދައުލަތް ގާނޫނީ ހުސްކަމެއްގައި ވާއިރު، ރާއްޖެ އަކީ މިހާރު ތިން ބާރު ވަކިވެފައި އޮތް ދައުލަތެއް ނޫން ކަމަށެވެ.
”މިކަމުގައި އަޅުގަނޑުމެން އެންމެ ކަންބޮޑުވާ މައްސަލަ އަކީ، މެޖޯރިޓީ އޮތް އެމްޑީޕީގެ ފަރާތުން، މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މުޙައްމަދު އަސްލަމް، ދޫދެއްވައިގެން ނޫންގޮތަކަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ސަރުކާރުން މަޖިލީހުގައި ބޮޑު ތަޅު އަޅުވައިފައިވާކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ، މިކަން މި ހިސާބަށް އައީ، ކަނޑުވިއްކައިލި މައްސަލައިގައި އޭޖީ އިބްރާހީމް ރިފްއަތު މަޖިލީހަށް ހާޒިރު ކުރެއްވުމުންވެސް، ޖަވާބު ނުދެއްވުމާއިއެކުގައި ކަމަށެވެ.
