ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުން، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން، މިއަދު މަޖިލީހަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މަޖިލިސް ހުއްޓުވާލާފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުން ހުއްޓުވުމަށް ގަސްތުގައި ރާވައިގެން ކަމަށާއި ސަރުކާރުން މިކަން ކުރީ ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު  ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި ރައީސް ސޯލިހު މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް، އެ މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައީސް ސޯލިހު މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލަ ހޫނުވިއެވެ.

އެ ސިޓީ ބާތިލު ސިޓީއެއް ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެެސް މީގެ ކުރިން ހުށަހެޅިއެވެ.

އިދިކޮޅުން ބުނާ ގޮތުގައި، ސަރުކާރުން އިސްވެ، މަޖިލީހުގައި ބޮޑުތަޅު އަޅުވާފައިވަނީ ވެސް، ކަނޑު ވިއްކާމި މައްސަލަ އޮއްބާލުމަށެވެ.