ކ. އަތޮޅުގައި ހިންގާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ޒުވާން ފަތުރުވެރިޔަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި މިހައިތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަނިޔާ ލިބުނު މީހާ އާއި ރޭޕްގެ ތުހުމަތު އޮތް މީހާގެ ސާމްޕަލް ނަގާފައިވާ ކަމަށާއި މިހާރު މަޑުކުރަނީ އެ ސާމްޕަލްތަކުގެ ނަތީޖާ އަށް ކަމަށެވެ.

މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވިޔަސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފަތުރުވެރިޔާގެ ތުހުމަތުތަކާއި ގުޅިގެން ރިސޯޓުން ބުނެފައިވަނީ އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މައްސަލައިގައި މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް ރިސޯޓުން ވަނީ ބުނެފައެވެ.

އިނގިރޭސި ބަހުން ފުލުހުން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނީ ރޭޕް ކުރި އަންހެން ކުއްޖާ އާއި ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ފޮރެންސިކް ސާމްޕަލް ނަގައި އޭގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދާކަމަށެވެ

”އަޅުގަނޑުމެންގެ ޓީމުން ދަނީ އިންކުއަރީގެ ހުރިހާ ލައިންތަކަށް ވަރަށް ފަރުވާތެރިކަމާއެކު ތަބާވެ، އެއްކުރެވޭ ހެކިތައް ވަރަށް ރަނގަޅަށް ތަޙުލީލު ކުރަމުންނެވެ. ތަހުގީގުން އިތުރު ހޯދުންތަކެއް ފެނުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭނެ އެވެ.“ ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.