ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީ ޔިޓޮންގް ރޭޕް ކުރި މައްސަލާގައި ތަހުގީގު އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

މި މައްސަލާގައި އުމުރުން 26 އަހަރުގެ ޔޮލީޔިޓޮންގް ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

ސީޓީއާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ކޭސް އަޑުއިވި ވަޑައިގަތުމުން އަދި ޔިޓޮންގެ ސިޓީ ވިދާޅުވުމަށްފަހު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެ ހާދިސާއާ ގުޅިގެން ރަނގަޅު ތަހުޤީޤެއް ހިންގުމަށް ފުލުހުންގެ ޚިދުމަތަށް ގޮވައިލައްވާ ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙަށް ޔޮލީ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލާގައި ޤާނޫނީ އެހީތެރިކަން ހޯދަން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ މުވައްސަސާތަކުން އެހީތެރިކަން ދީފައި ނުވާ ކަމަށާއި، ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާކަން އެނގިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ މި ކަމުގައި އިންސާފު ހޯއްދަވައި ދެއްވޭނެ ފަރާތެއް ކަމަށް ޤަބޫލުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޭޕްގެ މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.