މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކަށް ހެދުމަށާއި، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލް ލެވެލްގައި މުހިންމު ނިންމުތައް ނިންމާގޮތަށް އިދާރީ ހިންގުމަށް މުހިންމު ބަދަލެއް ގެނައުމަށް ފާސްކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މި ބަދަލު ގެނައުމަށް ފާސްކޮށްފައިވަނީ މާލެސިޓީ ކައުންސިލްގެ 107 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަންބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށެވެ.

އުސޫލުން މުވައްޒަފުން ނެގުން ކަމާއި ބެހޭ އިދާރާތަކުން ވަނީ ކައުންސިލްތަކަށް ދޫކޮށްލާފައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ( އެލްޖީއޭ) އިންވެސް މިގޮތަށް މމި ފުރުޞަތު ކައުންސިލްތަކަށް ދީފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މިއީ އަބަދުވެސް ޢަމަލުކުރަމުންދާ އުސޫލު ކަމަށްވީނަމަވެސް ކައުންސިލްގެ ރަސްމީ ނިންމުމެއް މިކަމުގައި ނެތުމުގެ ސަބަބުން ޕޮލިސީއެއް ނެތުމާއިއެކު އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މިގޮތަށް ޢަމަލުކުރަމުންދާ ޢަމަލުކުރުން ރަސްމީ ކުރުމަށްޓަކާ ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް އެއީ ކައުންސިލްގެ ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.

މި އުޞޫލު މި އޮތްގޮތަށް ފާސްވެގެން ކައުންސިލްގެ އެއްވެސް ކޮންޓްރެކްޓް ނުވަތަ ކޮންސަލްޓެންޓެއްގެ ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި މިއީ މިހާރުވެސް ޢަމަލު ކުރަމުންދާ އުސޫލު ނަމަވެސް މި އުސޫލް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔުމަކީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމުގައި ވެގެންދާނެއެވެ.

މި މައުޟޫއުއަށް ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ ޝުޖާއު ފާހަގަ ކުރެއްވީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން ނުވަތަ ކޮންސަލްޓަންޓުން ނަގަން ޖެހެނީ ކައުންސިލްގެ މަސައްކަތްތައް އަވަސްކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކައުންސިލުން މިކަން ކުރަން ޖެހުނީ ސިވިލް މުވައްޒަފުން ނެގުމުގައި ސަރުކާރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުން މާލެ ސިޓީ ކައުންސިލަށް ދަތިކޮށް އެ ފުރުޞަތު ނުދިނުމުގެ ސަބަބުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި މޭޔަރ ވަނީ މާލެ ސިޓީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާތައް ދާއިމީ ކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދާކަންވެސް ހާމަ ކޮށްދެއްވާފައެވެ.