ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވީ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ގަވައިދުގައި ލިބެދޭ ’އުޒުރުވެރިވުމުގެ އިޚްތިޔާރު’ގެ ދަށުން ވާނީ ރިޔާސަތު ބެލެހެއްޓުމުން އެއްކިބައިވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް އެ ބައްދަލުވުމަކުން މަޖިލިސް ކުރިއަށް ގެންދިއުމަކަށް ފުރުސަތު ލިބިގެން ނުދިޔަކަމަށެވެ.

މަޖިލިސް ހުއްޓިފައި އޮތީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑު މިއަދު ރިޔާސަތު ބެލެހެއްޓުމަށް މިއިނީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށްވުރެއް އަދި މާމަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާންޖެހޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ އެހެން ބާރުތަކުން އަދި ހާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން މިމައްސަލަ ހައްލުކޮށްދިނުމުގައި އެއްގޮތަަކަވެސް އެހީތެރިވެފައި ނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.