ޝާޢިރުންގެ މާނަވީ ފަށުވި ޅެންތައް ކިޔުމަކީ ނަފްސު ތާޒާކޮށްލުމަށްޓަކައި ކޮށްލަން ރަނގަޅު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލިޔުންތެރިންގެ ގުޅުމުގެ 13 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ ރީތީ ދިވެހި ބަސް ކަމަށާއި ސާދާ ސާފު ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް ކިޔުމަކީ، ސިކުނޑީގެ ވަރުބަލިކަން ފިލުވައިލުމަށް ކުރައްވާ ކަމެއް ކަމަށެވެ.

”ދިވެހި ޝާޢިރުންގެ މާނަވީ ފަށުވި ޅެންތައް ކިޔުމަކީ، އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު، ނަފްސު ތާޒާކޮށްލުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް ކޮށްލައްވަން ރަނގަޅު ތަޖުރިބާއެއް،“ ރައީސް ވިދާޅުވިއެވެ.

އެފަދަ އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ މަސައްކަތަކީ، ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާ ވަރަށް އަގުހުރި ޤައުމީ މަސައްކަތެއް ކަމަށާއި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އަޅުގަނޑު މާދަރީ ބަސް ކަމަށާއި ދިވެހިންގެ އެއްބައިވަންތަކަން ވެސް، އަދި ދިވެހިންގެ މިޒާޖާއި ޠަބީޢަތާ ގުޅި ލާމެހިފައިވާ ޞުލްޙަވެރިކަމާއި ހަމަޖެހުން ވެސް، އުފައްދައި ދަމަހައްޓައިދޭ ޙަޤީޤީ މަޞްދަރަކީ މި މަތިވެރި ނިޢުމަތް ކަމަށްވާއިރު އެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.