ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމު ސައުދީ އަރަބިއްޔާއަށް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އަމީރުލްހައްޖުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ނައިބް ރައީސެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ އެންމެ ފަހު ގްރޫޕު ފުރާފައި ވަނީ މިމަހުގެ 19 ގައެވެ. ރައީސް ވަނީ އެ މީހުންނާ ބައްދަލުކުރައްވައިފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބުނެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ވަނީ 90 ކޯޓާ ދީފައެވެ.

ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.