ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށާއި، މި ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އަރަފާތު ދުވަހުގެ މާތްކަން“ މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އަހަރުމެން މިހާރު ވޭތުކުރަމުންމިދާ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ ހެޔޮކަމާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. މިއީ ކުރެވިފައިވާ ފާފަތަކުން ތައުބާވުމުގެ ދުވަސް ކަމަށާއި، ހެޔޮއަމަލުކުރުން ގިނަކޮށް އާޚިރަތުގައި ބާއްޖަވެރިކަން ލިބިގަތުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ކަމަށާއި، އެ ދުވަހު އަރަފާތު ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް މި ޡަވާބުން މަހުރޫމު ނުވާ ކަމަށާއި، އެމީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅުއިތުރުވެގެންވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.