މި ސަރުކާރު ވެރިކަމަށް ގެނެވުނީތީ މިއަދު ލަދުގަންނަ ކަމަށާއި، ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ އޮތީ މާ ކުރިންވެސް ބޭރު ކޮށްފައި ކަމަށް އެ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރިއިރު ވެސް ދެއްކީ ވިޔަފާރިވެރިންނަށް އަނިޔާ ނުކުރުމުގެ ވާހަކަ ކަމަށާއި މިއަދު ވެސް ދައްކަން ޖެހިފައިވަނީ ހަމަ އެ ވާހަކަ ކަމަށެވެ.
އަދި މި ސަރުކާރުން ވިލާ ކުންފުންޏަށް ކުރާ ޖެއްސުމަކީ ސަރުކާރުގެ ކަރުގައި އަމިއްލަ އަށް ވާގަނޑެއް ފައްތާފައި އެ ވާގަނޑަށް ބާރުކޮށްލާ ބާރުކޮށްލުމެއް ކަމަށް އަމީން ވިދާޅުވިއެވެ.
ވިލާ ކުންފުންޏަށް ފުރައްސާރަ ކުރުމަކީ އިންތިހާބު ކާމިޔާބު ކުރަން ސަރުކާރަށް ހުޅުވޭ ދޮރެއް ނޫން ކަމަށާއި ރައްޔިތުން ވެސް މިކަން ގަބޫލުކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޖެއްސުންކޮށްގެންނާއި ފުރައްސާރަކޮށްގެން ހޯދޭނެ ވޯޓެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
”މި ސަރުކާރަކީ އަޅުގަނޑުމެން ޝާމިލުވެގެން ގެނައި ސަރުކާރަކަށް ވީއިރު، މިއަދު އަޅުގަނޑު ހިތާމަ ކުރަމޭ، އަޅުގަނޑު ލަދުގަނޭ މި ބޭބޭފުޅުން ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތާއި ހެދި ލަދުގަނޭ މިއަދު،“ އަމީން ވިދާޅުވިއެވެ.
އަމީން ވަނީ ވިޔަފާރިވެރިންނަށް އަނިޔާ ކުރުމަކީ މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ކަމަށާއި އަދި މި ސަރުކާރުގެ ކޯލިޝަނުން ޖޭޕީ އޮތީ މާކުރިން ވެސް ބޭރުކޮށްލާފައި ކަމަށްވެސް ވިދާޅުވެފައެވެ.
އަމީންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.
