ރައީސް މުހައްމަދު ނަޝީދަަށް ތާޢީދުކުރާ މެންބަރުން އަލަށް އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމަކީ އެ ކޮމިޝަނުން ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރިއަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވިދާޅު އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީން ވަކިވި، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާތާ މަހެއްހާ ދުވަސްވެފައިވާއިރު، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުން އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވެގެން ދިޔައެވެ.

އީސީން އިއްޔެ ނިންމާފައި ވަނީ އީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަސް ކަމުގައިވާ އަންނަ އާދިއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭށެވެ.

އެކަމާ ގުޅިގެން ޤާސިމް ވަނީ ރައީސް މުހައްމަދު ނަޝީދަށާއި، ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

ޤާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާހަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.